ކައުންސިލާއި އ.ތ.މ ކޮމިޓީގެ 4 ވަނަ ދައުރުގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ހަފްލާއެއް ބާއްވައިފި

ކައުންސިލާއި އ.ތ.މ ކޮމިޓީގެ 4 ވަނަ ދައުރުގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ހަފްލާއެއް ބާއްވައިފި

ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ 4 ވަނަ ދައުރުގައި ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ބޭއްވުނީ 15 މެއި 2026 ވީ ހުކުރު ދުވަހުއެވެ.

މި ހަފްލާގެ މައިގަނޑު މަޤްޞަދަކީ ވޭތުވެދިޔަ ދައުރުގައި ކައުންސިލުންނާއި އ.ތ.މ ކޮމިޓީން ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރުމެވެ.

ހަފްލާގެ ތެރެއިން ދައުރުގެ މެންބަރުން ވަނީ އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. މެންބަރުން ފާހަގަކުރެއްވި ގޮތުގައި މި ދައުރަކީ ގިނަ ގޮންޖެހުންތަކަކާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެވުނު ކާމިޔާބު ދައުރެކެވެ. އަދި ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކަކީ މުޅި ޓީމުގެ އެއްބާރުލުމާއެކު ލިބުނު ކާމިޔާބީއެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.

މީގެ އިތުރުން، ކައުންސިލް އިދާރާގެ މުވައްޒަފުންވެސް ވަނީ މި ހަފްލާގައި ވާހަކަދައްކަވާފައެވެ. މުވައްޒަފުންގެ ޝުޢޫރުތަކުގައި ބުނެފައިވަނީ، ކައުންސިލް މެންބަރުންނާއި އ.ތ.މ ކޮމިޓީގެ ފަރާތުން މަސައްކަތުގެ މާޙައުލުގައި ލިބުނު އެހީތެރިކަމާއި އިރުޝާދަކީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިއީ މުވައްޒަފުންގެ އަގުވަޒަންކުރެވިގެންދިޔަ މުހިންމު ދަނޑިވަޅެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރިއެވެ.

މި ހަފްލާ ނިމިގެންދިޔައީ 4 ވަނަ ދައުރުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް، ހަނދާނީ ފިލަޔާއި ހަނދާނީ ލިޔުން ހަވާލުކުރުމަށްފަހުގައެވެ.