ގއ. ކަނޑުހުޅުދޫ: މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަމަށް ދެވިހިފުމުގެ ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި، ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލާއި "ގިރިންދާ" ޖަމްޢިއްޔާއާ ދެމެދު މިއަދު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ކަނޑުހުޅުދޫގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ސައުތު ޕޮލިސްގެ ސަބްރީޖަން ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ރިޝްވީނާ އަޙްމަދެވެ.
މި ފަހުމްނާމާގައި ކަނޑުހުޅުދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފެވެ. އަދި ގިރިންދާ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް ޙުސައިން އާދަމެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އަލުން މުޖުތަމަޢަށް ނުކުމެ، އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަމާއި ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ދެ މުއައްސަސާ ގުޅިގެން އެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމެވެ.

މި ރަސްމިއްޔާތުގައި ސައުތު ސަބްރީޖަންގެ ބައެއް ސީނިއަރ ފުލުހުންނާއި، ކަނޑުހުޅުދޫގެ ޕޮލިސް އިންޗާޖްގެ އިތުރުން ގިރިންދާ ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިރިންދާ ދާންދޫ ގޮފީގެ ފަރާތުން އެ ގޮފީގެ ފޯކަލް ޕޮއިންޓް ޝަހީބު އަޙްމަދާއި، ގޮފީގެ އެހެނިހެން މެންބަރުންނާއި، ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ މެންބަރުންގެ އިތުރުން ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.
މި ފަހުމްނާމާގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ކަނޑުހުޅުދޫގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.