ޖަޕާނު ސަރުކާރުގެ އެހީގައި ހަދިޔާކުރި ފެންހިއްކާ ޕަންޕު ކަނޑުހުޅުދޫ ކައުންސިލާއި ހަވާލުކޮށްފި

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރި ފެންހިއްކާ ޕަންޕުތަކުގެ ތެރެއިން، ގއ. ކަނޑުހުޅުދޫއަށް ކަނޑައެޅުނު 2 ޕަންޕާއި އޭގެ އިތުރު ސާމާނު ކައުންސިލާއި މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ ފަރާތުން މި ޕަންޕުތައް ކަނޑުހުޅުދޫ ކައުންސިލާ ހަވާލުކޮށްދެއްވިއިރު، ކައުންސިލްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ކައުންސިލްގެ ރައީސް އަޙްމަދު ޝަހީމް އެވެ.

މިއީ ރާއްޖޭގެ ރަށްތަކަށް ދިމާވާ ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށާއި، ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވާ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށްޓަކައި ޖަޕާނު ސަރުކާރުން ފޯރުކޮށްދިން ވަރަށް މުހިންމު އެހީއެކެވެ.

މިޕަންޕުތަކުގެ ސަބަބުން މޫސުން ގޯސްވެ ރަށުގައި ފެންބޮޑުވާ ވަގުތުތަކުގައި، ރައްޔިތުންގެ ގެދޮރަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ. އަދި މިފަދަ ބޭނުންތެރި އެހީއެއް ފޯރުކޮށްދެއްވި ކަމަށްޓަކައި ޖަޕާނު ސަރުކާރަށާއި، މި ތަކެތި ހަވާލުކޮށްދެއްވި އެން.ޑީ.އެމް.އޭ އަށް ކައުންސިލްގެ ފަރާތުން ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

17 ޖޫން 2026